މަގުމަތީގެ ވާހަކަތައް ދައްކާލާ މައިޒާނެއްގައި މަޑުކޮށްލުމުން ފުރަތަމަވެސް ހިތައް އަންނަނީ މާލޭ މަގުމަތީގެ ޓްރަފިކް ބޮޑުކަމާ ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ވާހަކައެވެ. އަދި އެކްސިޑެންޓްގެ ސަބަބުން ދިމާވާ ހާލަތްތަކުގެ ނުރައްކާތެރިކަމެވެ. ކުޅެދޭ ގިނަމީހުން ނުކުޅެދޭ މީހުނަނަށްވެފައިވާއިރު އެތަކެއް ފުރާނަތަކެއް ވަނީ މި ފަނާވަނިވިދުނިޔެއާއި ވަކިވެގެންވެސް ގޮސްފައެވެ.
ދެން ހިތައް އަންނަނީ މާލެއަށް ވެހިކަލްތައް ގިނަވެ އާންމު ރައްޔިތުން އެކްސިޑެންޓްތަކާ ކުރިމަތިލާޖެހިފައިވަނީ ބަޔެއްގެ އިހުމާލުން ވެވުނު ކަމަކުންތޯއެވެ. މާލެއަށް މިހާލު ޖެހެން މެދުވެރީ ކިހިނެތް ކޮންގޮތަކުން ކޮންބައެއްގެ އިހުމާލުންތޯވެސް ހިތައް އަރައެވެ.

މަގުމަތި
ގައިމު 2000 ހުގެ ކުރިން މާލޭގައި ދުއްވާ އުޅަނދުތައް އެހާމެ މަދެވެ. އޭރުގެ ފިލްމެއް ބަލާލުން އޭރު މާލެ އޮތް ގޮތާއި، އަދި ވެހިކަލްތައް ތިބި މަންޒަރު މިހާރުވެސް ފެންނާނެއެވެ. ނަމަވެސް މިއަދު މާލޭ މަގުމައްޗަށް ނުކުތުމުން ފެންނަ މަންޒަރުން ހީވަނީ ދެންދެން މާލެ އެއް އަރިއަކަށް އަރިއަޅާލާފާނެ ހެނެވެ.

މަގުމަތި /ފޮޓޯ :ޕީއެސްއެމް ނިއުސް
މީ އިހުމާލެއްތަ، ނޫނީ ގަސްތުގަ ދިން ލަނޑެއްތަ
ކޮންމެ ކަމެއްގަވެސް އެކަމެއް ކުރުމުގެ ކުރިން އެކަމެއް ކުރެވޭނެ އުސޫލުތަކާ ހަމަގޮތް އޮންނާނެ ކަންޔަގީނެވެ. ނަމަވެސް ކުރިން ފާހަގަކުރިގޮތަށް 2000 ވަނަ އަހަރުގެ ފަހުން އެކި ޒާތްޒާތުގެ އުޅަނދުތައް މާލެއަށް އެތެރެކުރެވެން ފެށުނެވެ. ރަޖިސްޓްރީ ކޮށްގެން އެތެރެކުރެވުނު މި އުޅަނދުތައް މަޑުމަޑުން ގިނަވާން ފެށިއެވެ. މާލެއެކޭ އެއްގޮތަށް އަތޮޅު ތެރެއަށްވެސް ގެންދެވުނެވެ. އަހަރަކަށްވުރެ އަހަރެއް އުޅަނދުތައް ގިނަވެގެންދިޔައެވެ. އުޅަނދުތައް ގިނަވެގެންދިޔައިރު ބަލާލުމެއްނެތި ނުގަވައިދުން ވެސް ދިޔައީ ރަޖިސްޓްރީކުރަމުންނެވެ.
އެއް ގަރާޖެއްގެ ނަމުގަ އެތަކެއް އުޅަނދުތަކެވެ. މިހާރު މާލެ ސަރަހައްދަށްބަލާއިރު ފެންނަނީ އަމާންކަމެއް ނެތް ބިރުވެރި ތަނެއްގެ ގޮތުގައެވެ. ހިނގާމީހާ ވެސް ހިނގަނީ ފުރާނަ ދެން ގެންދަވާނީ ކޮންއިރަކު ކަމެއް ނޭނގޭ ހާލުގައެވެ. ހަނގީގަތުގައިވެސް އޮތީ ނުރައްކަލުގެ ރަނގަބީލެވެ.

ގަވާދުތައް އޮތީ ކިހިނެތް
މަގުމަތީގެ ގަވާއިދުތަކަށް ބަލާއިރު ކޮންމެ ޒަމާނެއްގައިވެސް ގަވާއިތުތަކާ އުސޫލުތަކެއް ވަނީ ހެދިފައެވެ. ބައިސްކަލް ދުއްވި ހިސާބުން ފެށިގެންވެސް މިގަވާއިދުތައް ވެއެވެ. ބައިސަލް ރޭ ގަނޑު ދުއްވޭނެ ވަގުތަކާއި އަދި އޭގެ ލައިޓް ހަރުކުރެވުމާ ހަމަޔަށް ގަވާއުދުތައް ވަނީ ހެދިފައެވެ. އަދި މަގުމަތީގައި ދުއްވާނެ ފަޅިއާއި ހިނގާމީހުންނަށް ޙާއްސަ ސަރަހައްދުވެސް ވަނީ ކަނޑައެޅިފައެވެ. މިއީ މާލެއަށް އުޅަނދުތައް އެތެރެކުރެވެން ފެށުނުފަހުން މަގުތައް ބޭނުންކުރެވޭނެ ގޮތް ކަމަށް ނިންމާފައިވާ ކަންތައްތަކެވެ. އަދި ޒަމާނީ ފެންވަރަށް މަގުތައް ހެދިގެންދާއިރު، ބަންޕަރު ހަރުކުރުންވެސް މިއީ ކުރެވޭ ކަންތައްތަކެވެ.
ބަންޕަރުގެ ބޭނުމަކީވެސް ދުވެލި ކޮންޓްރޯލް ކުރުމާއި، މަޑުކުރުމެވެ. ނަމަވެސް ފަހުންފަހުން އައިސް އުޅަނދުތައް އިތުވަމުންގޮސް މާލެ ތޮއްޖެހިގެން ދާއިރު ކަންބޮޑުވާންޖެހޭ އެތައްކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ބަންޕަރުތަކުގެ ކުލަ ފަޑުވުމާއި ވަންވޭތަކުގެ ފާހަގަކުރެވޭ ސައިންތައް ނެތުމާއި، ގޯޅިތައް އަނދިރިވުން މިއީ އެކްސިޑެންޓްތަކަށް ޖާގަދެވޭ ކަންތައްތަކަށްވެއެވެ. އަދި ލައިސެންސް ނެތި ދުއްވުމާއި އުމުރު ހަމަނުވާ ކުޑަކުދިންވެސް ދުއްވުމަކީ ހަމަ މިފަދަކަންތައްކުގެ ތެރޭން ހިމެނޭކަންތައްތަކެވެ.
ނަމަވެސް ގާނޫނުގެ ތެރެއިން ހަރުކަށި އަދަބު ދެވެން ވަނީ އުސޫލުތައް ފަރުމާ ކުރެވިފައެވެ. އަދި ޖޫރިމަނާ ކުރުމާ ބޮޑެތި އަދަބުތައް ގަވާއިދާ ޙިލާފުވާނަމަ ދެވެން އޮންނަ އިރު އެކަމަށް ފަރުވާލެއް ބަހައްޓާތަނެއް ނުފެނެއެވެ. އަދި ބަންދަށް ގެންދެވޭ މީހާއަށް މައި އިދާރާތަކުގެ އިހުމާކުން ދޫކޮށްލާތަންވެސް ފެންނަމުންދަނީވެސް މަދެއްކޮށެއްނޫނެވެ.

ކޮންމެދުވަހަކީ ކޮންމެވެސް ޒާތެއްގެ އެކްސިޑެންޓެއް ހިނގާދުވަކަށްވެނިމިދެއެވެ. އެކްސިޓެންޓްތަކުން ފުނިޖެހިފައޮތް މި މާލޭގެ 2021 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ބަލާއިރު ދަރިފުޅު ބަލާ ބޭރަށް ނުކުތް އަންހެނަކު ނުކުޅެދޭ ހާލަތާ ކުރިމަތިލީ ނުވެސް އެނގިހުއްޓާ އައި ޕިކަޕެއް ކޮންޓްރޯލްނުވުމުގެ ސަބަބުންނެވެ. އެ އެކްސިޑެންޓްގައި ޕިކަޕް ދުއްވަންއިން މީހާގެ އަތުގައި ލައިސެންސްވެސް ނެތެވެ. 2022 ވަނަ އަހަރު ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓަކީ ބޭރުމަގު މާފަންނު ބަސްޓާމިނަލް ކައިރީ މެރީ ބަރައުން ކައިރިން ބަހެއް ދަތުރު ކުރަމުން ދަނިކޮށް ހަރުފައެއްހެން އެކި ކޮޅުކޮޅަށް އެބުރެމުން ސެބުރެމުން އައި ރޭސް ކާރެއް ބަހަކަށް އަރާ ހިނގި އެކްސިޑެންޓެވެ.
އެ ހާދިސާގައިވެސް މީހެއްގެ ފުރާނަވަނީ މިދުނިޔެއާއި ވަކިވެފައެވެ. 2023 ވަނަ އަހަރަކީ އެކްސިޑެންޓް މަދު އަހަރެކޭ ނުބުނެވޭނެއެވެ. މި އަހަރުގައިވެސް ވަނީ އެހާމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައެވެ. އެގޮތުން މަޝްހޫރު ވިޔަފާރިވެރިއެއްގެ ފުރާނަ މިދުނިޔެއާއި ވަކިވެދިޔައީ ހިތްދަތިކަމާ މޮޅީ ގެ ސާލެއްގައެވެ. ރައްޔިތުން ތިބެންމިޖެހުނީ ވާނުވާގައެވެ. މި އޮތީ 2024 ވަނަ އަހަރު މިއަދު އަހަރުމެން ގުނަމުންމިދާ ދުވަސްތަކެވެ. މި އަހަރު ހީވީ ވަރަށް ބޮޑަށް މަގުމަތި އަމާން ވެދާނެހެނެވެ. ނަމަވެސް މަގުމަތި އަމާނެއްނުވެއެވެ. އިހު ހުރިގޮތަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އޮތީ ކަންބޮޑުވުމާއި ބިރުވެރިކަމެވެ. ދާދި މިދާކަށްދުވަހު ހުޅުމާލޭގައިވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައެވެ.
ރޭސް ކާރެއް ކޮންޓްރޯލްނުވެ މަގުގެ އެއްފަޅިއެއްގައި މަޑުކޮށްގެންހުރި ފިރިހެނެއްގައިގަ ޖެހުނެވެ. އަދި ކާރުމަތިން އެމީހާ ބުރައިގެން ދިޔައިރު ހީވަނީ ކަރާޓީ ފިލްމެއްގެ މަޝްހޫރު ބަތަލާއަަކަށް އަމާޒުކޮށް އައި ހަމަލާއެއްގެ މަންޒަރެއްހެނެވެ. ހަމަ އެ އެކްސިޑެންޓަށްފަހުވެސް ނުރައްކާތެރި އެތަކެއް އެކްސިޑެންޓްތައް ވަނީ ހިނގާފައެވެ.
ސެޕްޓަމްބަރުމަހުގެ 6 ވަނަ ދުވަހު އިރުއެރީ ހުޅުމާލެ ސެންޓްރަލްޕާކް ލޭގެ ކޯރުކަން ތެންމާފައެވެ. އުމުރުން 23 އަހަރުގެ ޒުވާނެއްގެ ލޭ ބިންމައްޗަށް އޮހިގެން ދިޔައެވެ. މެރަތަންއަށް ދުވަން މާލެ އައިސްހުރި ޕްރިޒަންސް އޮފިސަރެއް ކަމަށްވާ ހަސަން ސަމާހު ސައިކަލުން ގޯޅި އަޅަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓަށްފަހު އެޒުވާނާ މަރުވެދިޔައީއެވެ.

ބްރިޖް ހައިވޭ މަތީގަ އެކްސިޑެންޓެއ ހިނގާފައި/ފޮޓޯ" ސޯޝަލްމީިޑއާ
ފުލުފުލުން އެކްސިޑެންޓްތައް އިތުރުވެފައިވާއިރު ފުލުހުންގެ ތަފާސް ހިސާބުތައް ބުނާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްތަކުގެ އަދަދު 1907 އަކަށް ވަނީ އަރާފައެވެ.
ފުލުހުންގެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ އެކްސިޑެންޓްތަކުގެ ތެރެއިން 1،584 އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި ހުޅުމާލޭން 413 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ވިލިމާލޭން 5 އެކްސިޑެންޓްއެވެ. މިދިޔަމަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 218 އެކްސިޑެންޓެވެ. އަދި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާޗު މަހު ކަމަށްވެސް ބުނެފައި ވެއެވެ. އެ މަހު އެކަނި 301 އެކްސިޑެންޓް ވަނީ ހިނގާފައެވެ.
ކަންމިހެން އޮތް އިރު، މިދިޔަ މަހު އެކަނިވެސް 200 އަށްވުރެ ގިނަ ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެފަވެއެވެ. އެހެންކަމުން މިއަދަދަކީ ކަންބޮޑުވާ މައްސަލައެއްނޫންތޯއެވެ. މިކަމަށް އަވަސް ފިޔަޅެއް އެޅުން އެއީ ކޮންމެހެން މިވަގުތުކުރަން ޖެހޭ ކަމެއްވެސް މެއެވެ.
ޓްރަފިކް އެކްސިޑެންޓަށް ހައްލެއް:
ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، މުހިންމު 8 ކަމެއް ތަންފީޒުކުރަން ފަށަން، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައި، އެކަންކަން ވަނީ ހާމަކުރައްވާފައެވެ. މަގުމަތީގެ ގަވާއިދުތަކާ ގުޅޭގޮތުން ތަންފީޒުކުރުމަށް ނިންމެވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކޮންމެހެން މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އުޅަނދަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުން ނުކުންނަ ގަދަ އަޑަކީ ޢާއްމު އުނދަގުލަކަށްހެދުން ހުއްޓުވައި، ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަކީވެސް އެ އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ އެންގެވި މުހިންމު 8 ކަމުގެ ތެރޭގައި ހިމެނެނީ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމާއި، ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުމާއި، ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި، ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމާއި، އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުމާއި، ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުމާއި، އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުމާއި، ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުމާއި، މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމެވެ.
ރައީސްގެ މި ނިންމުން ތަންފީޒު ކުރެވިއްޖެނަމަ މަގުމަތީގެ އެކްސިޑެންޓްތައް މަދުވެ ޓްރަފިކް ކޮންޓްރޯލް ކުރެވެމުކީ އެކަށީގެންވާ ކަމަކެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
އަމީން މިހެން ވިދާޅުވީ 3 ޖެނުއެރީގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި، އިންތިހާއަށް ބޮޑުވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކުރު މުއްދަތެއްގެ ތެރޭގައި ހޯދިދާނެ ހައްލު ތަކާއި ދިގު މުއްދަތެއްގެ ތެރޭގައި ހޯދިދާނެ ހައްލުތައް ވެސް ފާހަގަކުރަން ޖެހޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ރާއްޖޭގައި އެއްގަމު އުޅަނދުތައް ގިނަ އަދަދަކަށް ރަޖިސްޓްރީ ވަމުންދާ އިރު، މައްސަލަ ރަނގަޅަށް ދެނެގަތުމަށްޓަކައި ކޮމްޕްރިހެންސިވް އޮޑިޓެއް ހަދަންޖެހޭ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި، އެކަމަށްޓަކައި، ސަރުކާރުން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށާއި، ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިނިސްޓަރު ފާހަގަކުރެއްވި ކަންކަމަކީ މިވަގުތުން މިވަގުތަށް ގެނެވޭނެ ހައްލެއް ދެނެގަތުމަށް ޓެކްޓިކަލް ޕްލޭނެއް ހެދުމެވެ. އެކަމާ ގުޅިގެން ބޭރުގެ މާލީ އެހީއާ އެކު، ހާއްސަކޮށް މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ޕްރޮފެޝަނަލް އެކްސްޕާޓީޒް ހޯދުންވެސް ކޮންމެހެން މުހިންމު ކަމަށް އަމީން ވަނީ ފާހަގަ ކޮށްފައެވެ ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން މަޖިލީހަށް ހުށަހަޅައިގެން މައްސަލައަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށްފަށާނެ ކަމަށާއި، ސިންގަޕޯ ފަދަ ގައުމަކުން އެކްސްޕާޓުން ގެނެސްގެން ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ، މައްސަލަ ހައްލު ކުރުމަށް ރެކަމެންޑޭޝަންސް ހޯދަން ފޮރިން މިނިސްޓްރީގައި ވެސް ރަސްމީކޮށްއެދޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ފާހަގަކޮށްފައެވެ.
މިއީ ޓްރަފިކް ކޮންޓްރޯލް ކޮށް އެކްސިޑެންޓްތައް މަދުކުރުމަށް ސަރުކާރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން އަޅާ މުހިންމު ފިޔަވަޅުތަކުގެ ތެރޭން ހިމެނޭ ކަންތައްތަކެވެ. ރައްޔިތުން މިއަދު ބޭނުންވަނީ ހެޔޮ ގާނޫނެއް ގެނެސް މާލޭ މަގުތަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ މީހުންނަށް ރައްކާތެރިތަނަކަށް ހެދުމަށެވެ. އެހެންކަމުން ރައްޔިތުން މިކަމަށް އެއްބާރުލުންދޭން ޖެހެއެވެ. އެހެންނޫނީ މިކަމަށް ހައްލު ލިބިގެން ނުދާނެއެެވެ. ހައްލު އަވަސް ކުރަން އޮންނަ އެންމެ ރަނަގަޅު މަގަކީ އެ ގައުމެއްގެ ތިބޭ ރައްޔިތުން ދެއްވާ އެއްބާރުލުމެވެ. މަގުމަތި އަމާންތަނަކަށް ހެދުމަށް ރައީސް އަޅުއްވާ 8 ފިޔަވަޅާއެކު ކުރިއަށް ހިނގައިގަނެވިއްޖެނަމަ އެކްސިޑެންޓްތައް މަދުކުރެވި ރައްކާތެރި މަގުތަކެއް ރައްޔިތުންނަށް ކަށަވަރުވެދާނެ ކަމަށްގަބޫލުކުރެވެއެވެ.

