ފޮތް ކިޔުމަށް ދޯޅު މުޖުތަމައެއް އުފެދިއްޖެ ނަމަ، މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުން ހޭލުންތެރިވާނެ ކަމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މޭޔަރ އާޒިމް މިހެން ވިދާޅުވީ ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސް ކުރައްވައި އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އާޒިމް ވިދާޅުވީ ދިވެހިން އެންމެ އިސްކަމެއް ދޭންވީ ފޮތް ކިޔަން ޝައުގުވެރި ރައްޔިތުންތަކެއް އުޅޭ ފޮތްތެރި ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށެވެ. އަދި ކުދިންގެ ކިބައިގައި ފޮތް ކިޔުމުގެ އާދަ ޅަފަތުގައި އަށަގަންނާނެ ގޮތަކަށް، ސްކޫލުތަކުގެ ކިޔެވުން ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވެފައެވެ. މި ކަމުގައި އަދާ ކުރެވޭނެ ދައުރު އެންމެ ބޮޑަށް އަދާކުރެވޭނެ ބަޔަކީ ބެލެނިވެރިންނާއި ޓީޗަރުން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
-ލިޔަން ކިޔަން ދަތުމުގެ ރޮނގުން ރާއްޖެ ހާސިލްކޮށްފައި ވަނީ ފަހުރުވެރިން ހައްގު ކާމިޔާބީއެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިއީ 1980 ގެ އަހަރުތަކުގައި ރާއްޖޭގައި މިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން، ސަރުކާރުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އަސާސީ ތައުލީމުގެ ނަމުގައި ހިންގުނު އެ ކެމްޕޭންގެ ސަބަބުން، މިއަދު ރާއްޖެއަކީ ތައުލީމު އުނގެނުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ވަނީ ހެދިފައި ކަމަށާއި އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން ކުރެއްވީ، ޝުކުރު ހައްގު މަސައްކަތެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ލިޔަންކިޔަން ނޭނގޭ މީހުން ދިވެހިންގެ ތެރޭގައި ވަރަށް މަދު ނަމަވެސް މިވަގުތު ވެސް ދުނިޔޭގައި ލިޔަން ކިޔަން ނޭނގޭ އެއް ބިލިއަނެއްހާ މީހުން އެބަތިއްބެެވެ.
“ފޮތް ކިޔުމަށް ދޯޅު މުޖުތަމައުއެއް އުފެދިއްޖެ ނަމަ، މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުން ހޭލުންތެރިވާނެއެވެ. އޭގެ ސަބަބުން ސިއްހީ މައްސަލަތަކާއި އިޖްތިމާއި މައްސަލަތަކާއި މި ފަދަ އެހެނިހެން ބޮޑެތި މައްސަލަތަކުގެ ހައްލު، ފަސޭހަކަމާއެކު ހޯދުމުގެ ގާބިލުކަން ހުރި ރައްޔިތުންތަކެއް އުފެދޭނެއެވެ.” މޭޔަރ އާޒިމް.
އާޒިމް ވިދާޅުވީ މިއަދު މި ވިސްނުމުގައި އެންމެން މަސައްކަތްތަކެއް ކުރަން ފަށައިގަންނަން ޖެހޭ ކަމަށެވެ.

