ފުލުހުންގެ ބެލުމުގެ ދަށުގައި ހުުއްޓައި ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް، މިރޭ ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.
އަތުހަރު މަރުވީ މި މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 4:08 ގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވި ގޮތް ކަށަވަރުކުރުމަށް ޕޯސްޓުމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ބުރުރާސްފަތި ދުވަހުއެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި އަތުހަރުގެ ކަށުނަމާދު މިރޭ 10:00 ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަތުހަރު ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ، އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ، އެ އަންހެން މީހާ ރަހީނުކުރި މައްސަލައިގައެވެ. މި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި އަތުހަރަށް އަނިޔާވިއެވެ.
އަތުހަރު މަރުވި މައްސަލަ މިހާރު ދަނީ ތިން މުއައްސަސާއަކުން ތަހުގީގުކުރަމުންނެވެ. އެއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެތެރޭގެ ތަހުގީގެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު ހާމަކުރެވޭނީ ތަހުގީގު ނިމުމުންކަމަށް ފުލުހުން ބުނެއެވެ.

