ޓްރެފިކް މައްސަލައެއްގައި ފުލުހުން ހުއްޓުވި ވަގުތު އެއްލައިލި ސިނގިރޭޓް ފޮށިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހަސަން ސިފާއުގެ މައްޗަށް ކުށް ސާބިތުވެ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ 2022 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. ފެބްރުއަރީ މަހު، ފުލުހުން އޭނާ ހައްޔަރުކުރީ ދުއްވަން އިން ސައިކަލުގައި ދެ ލޯގަނޑު ނެތް މައްސަލައިގައި އޭނާ ދުއްވަން އިން ސައިކަލު މަޑުކުރަން ފުލުހުން އެންގުމުން، ކުޑަ ތަންކޮޅަކަަށް ގޮސް ސައިކަލް މަޑުކުރުމަށްފަހު، ސައިކަލުން ފައިބައިގެން ދާން ފެށުމުން، ފުލުހުން އޭނާ މަޑުކުރަން އެންގި ވަގުތު މަލްބަރޯ ސިނގިރޭޓް ފޮއްޓެއް ބިންމައްޗަށް ވައްޓައިލުމަށްފަހު ދުއްވައިގަތުމުންނެވެ.
ހާޒިރުގައި ފުލުހުން އެ ސިނގިރޭޓު ފޮށި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި އަޅާފައި ހުރި 95 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި 100،000 ރުފިޔާގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ، މއ.ސިޓީވިލާ ހަސަން ސިފާހުގެ މައްޗަށެވެ.

