ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނަކީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަން އަކީ ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ކެނެރީގެ، ޢަލީ މުމްތާޒް (37އ) އަދި ބަނގުލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ (29އ) އެވެ.
މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާއިރު މި މަހުގެ 5ވަނަ ދުވަހު ވެސް މަސްރުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައިގައި ފުލުހުން މީނާ ހުއްޓުވާފައިވަނީ މަހިބަދޫ ވޮލީ ކޯޓާ ދިމާ އުތުރު ބަނދަރުން އޭނާ ހުއްޓުވައި ބަލައިފާސްކުރި ކަމަށާއި ފާސްކުރުއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 12 ދަޅު ފެނިފައިވަާ ކަމަށާއި، އެ ތަކެތީގެ ވަގުތި ބަރުދަނުގައި 378.75 ގްރާމް ހުރިކަމަށް ފުލުހުން ބުނެފައިވެ އެވެ.

