މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސް ނުވަތަ އެމް ޕޮކްސް އަށް ޝައްކު ކުރެވޭ ވޭދަނަ އެއް އަވަށްޓެރި އިންޑިޔާއިން ފެނިއްޖެއެވެ.
މިކަން ހާމަކޮށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިންޑިޔާއިން އެމްޕޮކްސްއަށް "ޝައްކުކުރެވޭ ވޭދަނައެއް" ފެނިފައިވާ ކަމަށާއި އެ މީހާ އެކަހެރިކޮށްފައިވާ ކަމަށެވެ.
އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޕްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ޤައުމުތަކުން ފިޔަވަޅު އަޅަމުންދާއިރު އޭގެ ތެރޭގައި ވެކްސިން ދިނުމާއި، ބަލި ޖެހިފައިވާ މީހުން އައިޑެންޓިފައިކޮށް އެކަހެރިކުރުން ހިމެނެއެވެ. އަދި އާންމުންނަށް މި ބައްޔާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދެއެވެ.
މައިގަނޑު ގޮތެއްގައި ގައިގޯޅިވުމުގެ ތެރެއިން ފެތުރޭ މި ބައްޔަކީ އާންމު ގޮތެއްގައި ނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް، މި ބަލީގެ ސަބަބުން ރޯގާ ފަދަ އަލާމާތްތަކާއި ހަށިގަނޑުގައި ބޮޑެތި ބިހިތައް ނެގުން ހިމެނެއެވެ.
އެމްޕޮކްސް ބަލި 2022 ވަނަ އަހަރު 100 އަށްވުރެ ގިނަ ޤައުމުތަކަށް ފެތުރުނު ނަމަވެސް، އެންމެ ގިނައިން ފެންނަނީ މެދު އަދި ހުޅަނގު އެފްރިކާގެ ޤައުމުތަކުގައެވެ. ނައިޖީރިއާ، ކޮންގޯ، ގާނާ އަދި ކެމަރޫން ފަދަ ޤައުމުތަކުގައި މި ބަލި އާންމުކޮށް ފެނެއެވެ.

