މާލެ ސަރަހައްދުން، މާލެއާއި ހުޅުމާލޭގައި ވެހިކަލް ޗެކްޕޮއިންޓުތަކެއް ގާއިމުކޮށް ފުލުހުންގެ ޓްރެފިކް ބެލެހެއްޓުން ފުޅައު ކޮށްފި އެވެ.
ޖެހިޖެހިގެން ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، އެކްސިޑެންޓު ހާދިސާތަކުން ހާދިސާގައި މީހަކު މަރުވުމާއެކު، ޓްރެފިކްގެ ކަންކަން ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ތެރެއިން އެއް ކަމެވެ.
ފުލުހުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ހަމައެއާއެކު، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާ ކަމަށް ބުންޏެވެ. އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރަން ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ ބޮޑުވެގެން ދިޔަ ދަނޑިވަޅު ސަރުކާރުން އަށް ކަމެއް ތަންފީޒު ކުރުމަށް ނިންމި އެވެ.
އެ ކަންކަމަކީ:
- ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.
- ރޭސިން އަދި ޑްރިފްޓިން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލު ކުރުން.
- ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސް އާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
- ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.
- އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.
- ހުޅުމާލެ މަގުމަތި ތަރުތީބު ކުރުމަށް ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
- ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފް ކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
- މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ހިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

