މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެރިޓައިމް ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޖީހު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެމްޕީއެލް ހެޑް އޮފީހުގައި މެރިޓައިމް ދާއިރާގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ މެރިޓައިމް ދާއިރާގެ އިސްފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މެރިޓައިމް ދާއިރާއިން ޤާބިލު ޒުވާނުން ބިނާކުރުން. މި ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވަން،" ވަޖީހު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަޖީހު ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް އެމްޕީއެލްއިން ބޮޑެތި މަޝްރޫޢުތަކެއް ރާވާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި އެމްޕީއެލްއިން ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރެވުނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ކުންފުނީގެ އާމްދަނީ އިތުރުވެ، މެރިޓައިމް ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. ބައްދަލުވުމުގައި ބައިވެރިވި މެރިޓައިމް ދާއިރާގެ އިސްބޭފުޅުން ވިދާޅުވެފައިވަނީ މި މަޝްރޫޢުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށާއި، އެ ބޭފުޅުންގެ ފަރާތުން ވެސް އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ މިފަދަ މަޝްރޫޢުތަކުން ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަޝްހޫރުވެގެންދާނެ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާއިން ޒުވާނުންނަށް ލިބޭ ފުރުޞަތުޞަތުތައް އިތުރުވެ، ޤައުމީ އިޤްތިޞާދަށް ވެސް ފައިދާކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

