ބަންކަރިންގެ ހިދުމަތާއެކު، އަސާސީ ފަޅުވެރިންގެ މަސައްކަތުން ފެށިގެން ޗީފް އިންޖިނޭރުންނާ ހަމައަށް ދިވެހިންނަށް ވަޒީފާތައް ތިިބީ ތައްޔާރުވެފައެވެ. މިއީ ސަރުކާރުން ކުރަން ގަސްތުކޮށްފެށި ބިޔަ ބޮޑު މަޝްރޫއެކެވެ.
މި މަސައްކަތް އެއްކޮށް ނިންމާލެވޭއިރު ރާއްޖޭގެ އެތައްބަޔަކަށް ވަޒީފާލިބޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވަޖީހު ފާހަގަ ކުރެއްވީ އަމާޒަކީ މެރިޓައިމް ދާއިރާއިން ޤާބިލު ޒުވާނުން ބިނާކުރުން ކަމަށާއި، އެ ދާއިރާއިން ދިވެހި ޒުވާނުންނަށް ފާގަތިކަން ލިބުން ކަމަށެވެ.

އެގޮތުން ރާއްޖެއަށް މި ފެންނަނީ ފަހި ދުވަސްތަކެއް ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. އަދި ބަންކަރިންގެ ހިދުމަތްފެށިގެންދާއިރު، ރާއްޖެ މިހާޜު އޮތް އިގްތިސާދީ ހާލަތަށް ހެޔޮބަދަލު އަންނާނެ ކަމަށާއި ރާއްޖެ މިދެކެނީ ފަހި ދުވަސްތައް ކަމަށް ވެސް ވަޖީހު ފާހަގަކުރެއްވިއެވެ.
ބަންކަރިންގއަކީ އުޅަނދުތަކަށް ތެޔޮ ސަޕްލައިކުރުމެވެ. މީގެ ތެރޭގައި އުޅަނދަށް ތެޔޮ އެޅުމާއި އުޅަނދުގައި ހުރި ތެޔޮ ޓޭންކުތަކަށް ބެހުމުގެ މަސައްކަތްތައް ހިމެނެއެވެ. މި ޚިދުމަތަކީ ކަނޑުގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންތެރި ޚިދުމަތެއް ކަމުގައި ވާއިރު، މިއީ ބަނދަރެއްގައި ބަނދަރު ކުރަން ނުޖެހި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދީގެން އެމީހުންގެ ދަތުރުތައް ކުރިއަށް ގެންދެވޭނެ ޚިދުމަތެއްވެސް މެއެވެ. މިއީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެކެވެ.

ބަންކަރިން ސާވިސްދެމުންދާ އުޅަނދުތަކެއް/ފޮޓޯ: ގޫގްލް
އެސްޓީއޯގެ ޕްލޭނުގައި ބަންކަރިންގ ޚިދުމަތް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ބޮޑެތި އުޅަނދުތަކުގައި ތެޔޮ ބަރުކޮށްގެން، މާކަނޑުގެ ސަރަޙައްދުން ދަތުރުކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނުވަތަ މި ސަރަޙައްދުގެ ކައިރިން ދަތުރުކުރާ ބޭރުގެ ބޯޓުތަކަށް ތެޔޮ ވިއްކުމަށެވެ.
މި ޚިދުމަތްތަކުގައި ހިމެނެނީ ތެޔޮ ލޯޑްކުރުމާއި، އޮފްޝޯ އޮޕަރޭޝަންސް އަދި ތެޔޮ ފޯރުކޮށްދިނުމެވެ.
އެއީ ތެޔޮ ލޯޑްކުރާނީ އެސްޓީއޯއާއި ވިޓޯލްއިން ނިންމާފައިވާ ތަންތަނުންނެވެ. އޮފްޝޯ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިސްތިރާތީޖީ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެއެވެ. މި އުޅަނދުފަހަރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ އެއް ހަމައެއްގައި މަޑުކޮށް، އެ އުޅަނދުތަކުގެ ހަރަކާތްތައް ބަލަހައްޓަމުން ގެންދާނެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމުގައި ތެޔޮ އަޅަން ބޭނުންވާ ބޭރުގެ ބޯޓުތައް ބަންކަރިންގ އުޅަނދުތަކާ ކައިރިވެ، އެތަނުން ތެޔޮ ސީދާ އެ އުޅަނދުތަކަށް ބަދަލުކުރެވޭނެއެވެ.
ރައްކާތެރިކަމާއި ހަރުދަނާ ބަންކަރިންގ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ހުރިހާ އޮޕަރޭޝަންތަކެއްވެސް ބައިނަލްއަޤްވާމީ ސަލާމަތާއި ތިމާވެށީގެ ގަވާއިދުތަކަށް ތަބާވާނެކަމަށް އެސްޓީއޯއިން ވެސް ވަނީ ހާމަކޮށްފައެވެ.
މި ޚިދުމަތަކީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށް އެސްޓިއޯއިން ބުނެފައެވެ.
ބަންކަރިންގ ޚިދުމަތް ތަޢާރަފުކުރުމުން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އިޤްތިޞާދީ ކުރިއެރުން ކަމަށާއި، މި ސަރަޙައްދުގެ މުހިންމު ތެޔޮ ވިއްކާ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެން ދިއުމުގެ ސަބަބުން، މި ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ވެސް ތެޔޮ ގަތުމުގެ ފުރުޞަތު ލިބޭނެއެވެ.
އޭގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ޤައުމީ އާމްދަނީ އިތުރުވެ، ވަޒީފާގެ އައު ފުރުޞަތުތައް އުފެދި، އަދި ޖުމުލަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ. އެންމެ އަސާސީ ފަޅުވެރިންގެ މަސައްކަތުން ފެށިގެން ޗީފް އިންޖިނޭރުންނާ ހަމައަށް ވަޒީފާތައް އިތުރުވުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ މި މައްސަކަތަކީ ދިވެހިންގެ އާމްދަނީއާއި ޖީބުބޮޑުވުމަށް ނުހަނު ބޮޑު މަސައްކަތެކެވެ.

