ފ. ބިލެއްދޫ ކައުންސިލާއި މަސްވެރި ވުޒާރާ ގުޅިގެން ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރާ މަސްވެރިންނަށް މަސްވެރިންގެ ދަފުތަރާ ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ފ. ބިލެއްދޫގައެވެ.
މަސްވެރިންގެ ދަފްތަރާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައިވަނީ މަސްވެރި ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޝާފިޢު އެވެ.
މި ބައްދަލުވުމުގައި މަސްވެރިންގެ ދަފުތަރުގައި ކެޔޮޅުންނާއި ފަޅުވެރިން ރަޖިސްޓްރީ ކުރާނެ ގޮތާއި ކެޔޮޅު އެޕްލިކޭޝަން ބޭނުން ކުރާނެ ގޮތް މަސްވެރިންނަށް ކިޔައިދީފައިވެއެވެ. އަދި ފަޅުވެރިންގެ ލިސްޓް ބަލަހައްޓާނެ ގޮތާއި މަސް ދަތުރުގެ މައުލޫމާތު ފުރަން ކެޔޮޅު އެޕްލިކޭޝަން ބޭނުން ކުރާނެ ގޮތާއި އޭގެ މުހިންމުކަން ހިއްސާކޮށްފައިވެއެވެ.

ބިލެތްދޫ މަސްވެރިންނަށް މަސްވެރިންގެ ދަފްތަރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން
މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެެއްދެވުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތް ހިއްސާކޮށް، ދަފުތަރުގެ ސަބަބުން މަސްވެރިންނަށް ލިބޭނެ ފައިދާތަކާއި، އެކި އިދާރާތަކާއި ގުޅިގެން މަސްވެރިންނަށް ޚާއްސަ ފެސިލިޓީތަކާއި ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
ބައްދަލުވުމުގައި ބައިވެރިވި މަސްވެރިންވަނީ މަސްވެރި ސިނާއަތުގައި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް ވުޒާރާގެ އެހީތެރިކަމާއެކު އެ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިފައެވެ. އޭގެ ތެރޭގައި ފާނަ މަސްވެރިންނަށް ފަހި ހަކަތަ މެދުވެރިކޮށް ޑިއުޓީ މާފުކޮށްފައިވާ ޑީސަލް ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ހަމަަޖައްސައިދިނުމަށް އެދިފައިވެއެވެ.
މި ބައްދަލުވުމުގައި ބިލެއްދޫގެ އޮޑިވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިން އަދި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

