ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މިއަދު މުހިންމު ބައްދަލުވުމެއް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގައި ބާއްވައިފިއެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މިވަގުތު ހިންގަމުންދާ މަޝްރޫޢުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކުރުމެވެ. އަދި މަޝްރޫޢުތަކުގެ މަސައްކަތް ހަލުވިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގަ ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އެ ބައްދަލުވުމުގައި މިނިސްޓްރީގެ އިސްވެރިންނާއި، މަޝްރޫޢުތަކާއި ގުޅުންހުރި އެހެނިހެން މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް، ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާއަމް މުޙައްމަދު، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން އަދި ޑިރެކްޓަރ ޖެނެރަލް – ސީއައިޑީ، އަޙްމަދު ޠަލްޙަތެވެ.
މީގެ އިތުރުން މިނިސްޓްރީގެ ޓެކްނިކަލް ޓީމްވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ. އެހެނިހެން މިނިސްޓްރީތަކުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދު، ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޢާމިރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲ އަދި އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުލްޢަޒީޒް އިސްމާޢީލެވެ.
އެ މިނިސްޓްރީތަކުގެ ޓެކްނިކަލް މުވައްޒަފުންވެސް އެ ބައްދަލުވުމުގައި ވަނީ ބައިވެރިވެފައެވެ.

