ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމަށް އެމެރިކާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި އެމެރިކާ އެމްބަސީ ގާއިމްވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއާއި އެމެރިކާއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ހަފްލާގައި މިނިސްްޓަރު ވިދާޅުވީ އެމެރިކާ-ރާއްޖެ ގުޅުމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ކުރިއެރުމަކީ ޕޭޕަލްގެ ހިދުމަތް ކަމަށެވެ. އެގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަށް ހުރި ގޮންޖެހުންތަކަށް އެމެރިކާގެ އެހީގައި ހައްލުލިބޭނެ ކަމަށާއި، އެ ހިދުމަތް ތައާރަފްވުމުން އިގްތިސޯދަށް އޭގެ ފައިދާ ކުރާނެ ކަމުގައި ވަޒީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މިއީ ކުޑަ މާކެޓެއް ނަމަވެސް އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ހިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ އަޅުގަނޑުމެންގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް މިނިސްޓަރު އަލިއަޅުވާލައްވާފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހު، ދެ ގައުމުގެ ދެމެދު ބޭއްވުނު ތިންވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަޝްވަރާތައް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިހަފްލާގައި ވާހަކަދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންވެރިކަން އިތުރުކުރުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ އަސާސެއް ކަމަށް ވިދާުވެފަ އެވެ. އަދި މި ގުޅުމުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުންވެސް ސަފީރު ވާހަކަދެއްކެވި އެވެ.
އެމެރިކާއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރެވުނީ 1965 ވަނަ އަހަރު އެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އެމެރިކާގެ ފަރާތުން ރާއްޖެއަށް ސަފީރެއް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

