ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ “الرَّزَّاقُ” (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު)އެވެ. ރިޒްޤު ތަނަވަސްވުމުގެ ބައެއް ސަބަބުތަކީ:
އިސްތިޣްފާރު ކުރުމާއި ތައުބާވުން. އިސްތިޣްފާރު ކުރުމާއި ތައުބާ ވުމަކީ ﷲ ލޯބިވެވޮޑިގަންނަވާ ދެ ސިފައެވެ. އެ އިލާހަށް ގިނަގިނައިން އިސްތިޣްފާރު ކުރާ އަޅުންނަށް ރިޒްޤު ތަނަވަސްވެގެން ވެއެވެ. ނޫޙު ސޫރަތުގެ 10 ވަނަ އާޔަތާއި 11 ވަނަ އާޔަތުގައި ވަނީ: “ތިމަން ކަލޭގެފާނު (އެބަހީ: ނޫޙުގެފާނު) އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ވެރި ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ! އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.”
ﷲ )عز وجل( އަށް ބިރުވެތިވުން. މާތް ﷲ އަށް ބިރުވެތިވުން މިއީ ރިޒްޤު ތަނަވަސްވުމުގެ ސަބަބެކެވެ. އަދި ދަތި އުނދަގޫ ޙާލަތްތަކުން މީހާ ސަލާމަތް ކޮށްދޭނެ ވެސް ކަމެކެވެ. އެކަން ބަޔާންކުރައްވައި ޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. “އަދި اللَّهއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ.”
ﷲ އަށް ވަކީލުކުރުމާއި، އެކަމަށް މަސައްކަތްކުރުން. عُمَرَ بْنِ الْخَطَّابِ (رَضِيَ اللَّهُ عَنْهُ)ގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލު صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ޙައްޤު ގޮތުގައި ﷲ އަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާސޫތްޕަށް ރިޒްޤު ދެއްވާ ފަދައިން ތިޔަބައި މީހުންނަށް ރިޒްޤު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.” (އިމާމު އަޙްމަދު(
ރަޙިމުގެ ގުޅުން ދެމެހެއްޓުން. ރަޙިމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ވެސް އޭގެ ސަބަބުން ރިޒްޤު ތަނަވަސްވެގެން އަންނަ ކަމެކެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (އެބަހީ ބޭނުންވާ މީހާ) ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ!” (ބުޚާރީ، މުސްލިމް)
ﷲގެ މަގުގައި ހޭދަކުރުން. އަދި ހަމައެހެންމެ، ތިބާގެ މުދާ މާތް ﷲގެ މަގުގައި ހޭދަކުރުމުން ވެސް ރިޒްޤު ތަނަވަސްވެގެން އާދެއެވެ. މިކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވަނީ ﴿وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَﱠ﴾ (سبأ: ٣٩) މާނައީ:- “ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާނގެ ދެއްވާނެއެވެ. އެއީ އެންމެ ހެޔޮ ރިޒްޤުދެއްވާ އިލާހެވެ.”
މައުލޫމާތު: الشَّيْخ مُـحَمَّد شَافِع / ދީނުގެމަގު

