މާލޭގެ ސޯސަންމަގުކޮޅުގައި ހުންނަ ހެންވޭރު ދޫހިމެރިގޭ ތިރީބައިގައި ހުރި ގާމަގު ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ނަމަވެސް، މިހާރު އަލިފާން ވަނީ ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ މިއަދު މެންދުރުން އަނބުރާ 2:47 ހާއިރުއެވެ. އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެތަނުގައި ހަރަކާތްތެރިވި ހުވަދޫ މީޑިޔާގެ ރިޕޯޓަރު ހާމަކުރި ގޮތުގައި އަލިފާންގަނޑު ރޯވިތާ މާ ގިނައިރުތަކެއް ނުވެ މުޅި އިމާރާތުގައި އަލިފާން ހިފިކަމަށާއި އަލިފާންގަނޑު ބޮޑަށް ހުޅުގަނޑުފަޅައިގެންގޮސް ފެތުރިފައި ވަނީ ގޭސްފުޅީގައި ރޯވެގެން ކަމަށެވެ.
އަލިފާންގަނޑު ކޮންޓްރޯލްވިއިރު، ކެފޭހުރި އިމާރާތުގެ އިތުރުން ޖެހިގެންހުރި އިމާރާތުގައިވެސް އަލިފާންގަނޑު ހިފާފައިވެއެވެ. މި ހާދިސާގައި ކެފޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާއިރު، މުޅި އެ އިމާރާތްވަނީ އަލުން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދާއިރު ކައިރި ގެތަކަށް ވެސް އަލިފާނާއި ދުން ކޮންމެވެސް ވަރަކަށް ވަނީ ފެތުރިފައިވާ ކަމަށާއި އެހެންވެ ސަލާމަތަށް ޓަކައި ކައިރި ގެތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ވެސް ހުވަދޫމީޑިޔާގެ ރިޕޯޓަރުވަނީ މައުލޫމާތު ހާމަކޮށްފައެވެ.
މި ހާދިސާގައި ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރޭގައި ހިމެނޭ ރާއްޖެއިން ބޭރުގެ 30 އަހަރުގެ އަންހެން މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި 48 އަހަރުގެ ދިވެހި އަންހެން މީހާގެ ހާލުވެސް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބު ބެލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

