އެޕަލް ކުންފުނިން ރޭ ކުރިއަށްގެންދިޔަ ޚާއްޞަ ބޮޑު އިވެންޓްގައި އެ ކުންފުނީގެ އެންމެ އައު ސްމާޓްފޯނު ސީރީޒް، އައިފޯން 16 ތަޢާރަފުކޮށްފިއެވެ.
މި ސީރީޒްގެ ފޯނުތައް ތަޢާރަފުކުރީ ކެލިފޯނިއާގެ ކިއުޕަޓީނޯގައި ހުންނަ އެޕަލްގެ މައި އޮފީހުގައި ބޭއްވި "އިޓްސް ގްލޯޓައިމް" އިވެންޓުގައެވެ.
އައިފޯން 16 ސީރީޒްގައި ހިމެނެނީ އައިފޯން 16، އައިފޯން 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްއެވެ.
މި ސީރީޒްގެ ފޯނުތަކަކީ އެޕަލްގެ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (ޖެންއޭއައި) ފީޗަރތަކާއެކު ފަރުމާކުރެވިފައިވާ ފުރަތަމަ އައިފޯންތަކެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގ ވަނީ މިހާރު މީހުން ލޯބިވާ ގިނަ ފީޗަރތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. އެޕަލް އިންޓެލިޖެންސްއަކީ އެ ކުންފުނީގެ އައު އަމިއްލަ އިންޓެލިޖެންސް ސިސްޓަމެއް ކަމަށާއި، އައު އައިފޯންތައް ފަރުމާ ކޮށްފައި ވަނީ މި ސިސްޓަމަށް ޚާއްޞަ ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕަލް އައިފޯން 16
އައިފޯން 16 ގެ ކެމެރާ ސިސްޓަމަށް 48 މެގަޕިކްސެލްގެ މައި ކެމެރާއެއް ހިމަނާފައިވާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. މި ކެމެރާއަށް ލޯ ލައިޓް ކޮންޑިޝަންގައިވެސް ރަނގަޅު ފޮޓޯ ނެގޭނެ ކަމަށާއި، ޕޯޓްރެއިޓް މޯޑްވެސް އިތުރަށް ރަނގަޅުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ފޯނުތަކުގައި ހިމެނެނީ އޭ18 ޕްރޯ ޗިޕެވެ. މި ޗިޕަކީ ކުރީގެ އޭ17 ޕްރޯއަށް ވުރެ 15 އިންސައްތަ ހަލުވި އަދި 20 އިންސައްތަ ހަކަތަ ސަލާމަތް ކުރާ ޗިޕެކެވެ.
މި ފޯނުތަކުގެ ބޮޑީ ހަދާފައިވަނީ ޓައިޓޭނިއަމް އިންނެވެ.
އައިފޯން 16 މާކެޓު ގައި ވިއްކަން ފަށާ އަގުތައް:
- އައިފޯން 16 ސީރީޒްގެ އަގު ފަށާނީ 799 ޑޮލަރުންނެވެ.
- އައިފޯން 16 ޕްރޯގެ އަގު ފަށާނީ 999 ޑޮލަރުން (83،876 ރުފިޔާ)
- އައިފޯން 16 ޕްރޯ މެކްސްގެ އަގު ފަށާނީ 1،199 ޑޮލަރުން (100،668 ރުފިޔާ) އެވެ.

އެޕަލް އައިފޯން 16 ހުރިކުލަތައް
އައިފޯން 16 އަދި އައިފޯން 16 ޕްލަސް ފަސް ކުލައެއްގައި ލިބެން ހުންނާނެއެވެ.
ކަޅު، ހުދު، ރޯޒު، ފެހިނޫ، އަދި އަލިނޫކުލަ.
މި ފޯނުތަކަށް ޕްރީ-އޯޑަރ ކުރުން ފެށޭނީ މި ހަފުތާގެ ހުކުރު ދުވަހުންނެވެ. އަދި ސެޕްޓެމްބަރު 20 އިން ފެށިގެން ވިއްކަން ފަށާނެއެވެ.
އައިފޯން 16 ސީރީޒް ތަޢާރަފުކުރުމާއެކު އެޕަލްއިން ވަނީ އެޕަލް ވޮޗް ސީރީޒް 10، އެޕަލް ވޮޗް އަލްޓްރާ 2 އަދި އިއަރޕޮޑްސް 4 ވެސް ތަޢާރަފުކޮށްފައެވެ.

