މި އަހަރު ނޮވެމްބަރު މަހު އަޒަރުބައިޖާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 29 އަށް ތައްޔާރުވުމުގެ ގޮތުން “އޯގަނައިޒޭޝަން ފޮރ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” (އޯ.އޭ.ސީ.ޕީ.އެސް.) އިން 02 ސެޕްޓެމްބަރު 2024 ގައި ބޭއްވި “ހައި ލެވެލް ރައުންޑް ޓޭބަލް” ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ އަލީ ބައިވެރިވެވަޑައިގެންފިއެވެ.
އޯ.އޭ.ސީ.ޕީ.އެސް. ގެ 79 ޤައުމުން ބައިވެރިވެވަޑައިގެންނެވި މި ވާޗުއަލް ބައްދަލުވުމުގައި ކޮޕް 29 ގައި އެ ޖަމިއްޔާއިން އިސްކަންދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި، އޭގެ އަސަރުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ޤައުމުތައް، ރައްކާތެރިވުމަށާއި ކުރިމަތިވާ ގެއްލުންތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ، އެބޭނުންވާ ވަގުތު ހޯދުމަށް އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މުހިންމުކަން، މި ބައްދަލުވުމުގައި ސަފީރު ޤީލާގެ ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް މަދުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ސަފީރު ޤީލާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އޯ.އޭ.ސީ.ޕީ.އެސް. އިން އިންތިޒާމްކޮށް، 04 ސެޕްޓެމްބަރު 2024 ގައި ބާއްވާ “ޓެކްނިކަލް ކޮންސަލްޓޭޝަން މީޓިންގ ފޯ އޯ.އޭ.ސީ.ޕީ.އެސް. މެމްބަރ ސްޓޭޓްސް، ރީޖަނަލް އޯގަނައިޒޭޝަންސް އެންޑް ނެގޯޝިއޭޓިންގ ގްރޫޕްސް އިން ޕްރެޕެރޭޝަން ފޯ ކޮޕް 29″، މި ބައްދަލުވުމުގައިވެސް ބެލްޖިއަމް ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

