ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށުގައި މި މަހުގެ ހަތަރުވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޢަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަޙްމާން (27 އ) އެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
އެގޮތުން ކޯޓުން ވަނީ އޭނާ އިތުރު 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
މި މައްސަލާގައި ފުލުހުންގެ ފަރާތުން ބުނެފައިވަނީ އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށާއި އެއީ އެހެން މީހުން އޭނާއާ ހަވާލުކުރި ޑޮލަރުކަން ދޭހަވާފަދަ ލިޔުން ފެނިފައިވާ ކަމަށެެވެ. އަދި އޭނާއަކީ ވަރަށް ގިނައިން ދިވެހިރާއްޖެ އެތެރެވެ އަދި ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ނަން ވެސް ޕާސްޕޯޓުން ބަދަލުކޮށްފައިވާ ކަމަށާއި އޭނާގެ އަތުން އޭނާގެ ނަމުގައި އޮތް ދެ ޕާސްޕޯޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެެއެވެ.
ތުހުމަތުކޮށްފައިވަނީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުގެ އިތުރުން މީނާއަށް މި ފައިސާ ލިބިފައިވާ ގޮތެއް އަދި ފުލުހުންނަށް ސާފުކޮށްދެވިފައިނުވާތީއާއި މީނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ޝައްކުވާފަދަ އަމަލުތަކެއް ހުރި ކަމަށް ފެންނާތީ މީނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީއެވެ. ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގެ އަމަލެއް ކުރާ މީހެއްގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރ ކުރި ފައިސާގެ އަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

