އެންމެންގެ ރައްކާތެރިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ދެއްވައިފިއެވެ.
ޝަމްޢާން މި ޔަގީންކަން ދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ގާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ ކޮންވީނިއަންސަކަށް ނޫން ކަމަށެވެ. އަދި އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަނުޖެހޭ ބަޔަކު އުޅެދާނެ ކަމަށާއި މީގެ ކުރިން ގާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫންކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.
އެންމެންގެ ރައްކާތެރިކަމަށްޓަކައ އިމިގްރޭޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
މި ސަރުކާރު ފެށުނު ފަހުން އިމިގްރޭޝަނުން އަންނަނީ އެ މުއައްސަސާގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާންމު ސިއްހަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

