ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއުންބުއިމާއި، ނިދުން ހަމަޖައްސައިދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަމްޢާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅުގެ ދަށުން އިމިގްރޭޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތްތަކުގެ ތެރެއިން އާންމު ސިއްހަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އެޅޭނެ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގާނޫނުގައި ބަޔާންވެގެންވާ ގޮތާ ޚިލާފަށް ކަމެއް ކުރުމަކީ، ނުވަތަ އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ ކުށެއް ކަމަށެވެ.
އެފަދަ ކުށެއް ކުރީ ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ އަދަބަކީ 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށާއި މީގެއިތުރުން އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
ގާނޫނުގައިވާ ގޮތުން އެފަދަ ކުށެއް ކުރީ ބިދޭސީއަކުނަމަ، އެމީހެއްގެ އަދަބަކީ 15,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މީގެއިތުރުން އެމީހަކު ވަކި މުއްދަތަކަށް ދިވެހިރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

