އިހަވަންދިއްޕޮޅުގައި ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންވާ ބޯޓުތައް ގެނައުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ދެކެވެމުން އަންނަ ވާހަކައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ނުކުރެވި އޮތްއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ އަހަރުގައި އެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.
އެއަށް ބޭނުންވާ ބޯޓުތައް ނުވަތަ އެކަމަށްޓަކައި ގެންނަންޖެހޭ ބޯޓުތައް ގެނައުމާއި އަދި އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާއިރުގަ އެސްޓީއޯ، އެމްޕީއެލް އަދި އިކޮނޮމިކް މިނިސްޓްރީ މެދުވެރިވެގެން މި މަަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރުމަށް ތައްޔާރުވަމުންދާކަން ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ.
ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަން ހަމަޖެހިފައިވަނީ 4000 ޓަނުގެ ތެޔޮ އުފުލޭ ދެ އުޅަނދެވެ.
މީގެތެރެއިން ފުރަތަމަ ބޯޓު މިހާރު ވަނީ ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައެވެ. އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ދެވަނަ ބޯޓު ވެސް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެއެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވި ގޮތުގައި މެރިޓައިމް ދާއިރާއިން، މި ފެށޭ ޚިދުމަތް ތަކުން، ކައިރި މުސްތަގުބަލެއްގެއި ތެރޭގައި ގައުމުގެ އިގުތިސާދަށް ހެޔޮ މަންފާތަކެއް ކުރަން ފަށާނެ އެވެ. އަދި މިއީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށްވާއިރު، މި ޚިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޖީހް ވިދާޅުވެފައިވެއެވެ.

