ދިވެހިރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމަންޓް މިމަހު 15 ވަނަ ދުވަހު ފޮނުވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި އޮތް ޕްރެސްގައި، ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރާ މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 15 ވަނަ ދުވަހު ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ޝިޕްމަންޓް ފަލަސްތީނުގެ ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށް ދިނުމަށް ފުރަތަމަ ހަވާލު ކުރަނީ އިޖިޕްޓް ރެޑް ކްރެސްޓާއި ކަމަށެވެ. އަދި އޭގެ ފަހުން އެބޭފުޅުން ފަލަސްތީނުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފަލަސްނީތުގެ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނެކަމަށެވެ. ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި 7800 މަސްދަޅުކޭސް ފޮނުވުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ވަނީ އިސްނަގައިގެން ފަަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޙާއްސަ ޓެލެތޯންއެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯން އިން ވަނ 1.2 މިލިއަން ޑޮލަރު ހޯދާފައެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ މިދިޔަ މަހު 19 ގައި މި ފައިސާ ޖަމާކޮށްފައެވެ.
ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ.
އެ ޓެލެތޯންގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަނޑުފޮށި ބެހެއްޓި އެވެ. އަދި އޮންލައިން ޓްރާންސްފާ ކުރެވޭ ގޮތަށް ވެސް ހެދި އެވެ.
ޓެލެތޯނަށް ލިބުނު ފައިސާ ގުނާފައި ވަނީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ “ކްރޯ މޯލްޑިވްސް” އިންނެވެ.
ފަލަސްތީނަށް އެހީވާ އދ. ގެ މި ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.

