ވޭތުވެދިޔަ ނުވަމަސް ދުވަހަށް ބަލާއިރުގައި ސަރުކާރުން މިވީހާތަނަށް ވަރަށް ގިނަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްފި ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ވޭތުވެދިޔަ ނުވަމަސް ދުވަހަށް ބަލާއިރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންނަ ސުވާލުތަކާއި ވުޒާރާތަކަށް އަންނަ ސުވާލުތަކާއި ކުންފުނިތަކަށް އަންނަ ސުވާލުތަކަށް ވެސް ޖަވާބުދެވިފައިވާ ކަަމަށެވެ. އެގޮތުން އެ މުއްދަތުގައި ވަރަށް ގިނަ މައުލޫމާތު ހާމަކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މި ވޭތުވެދިޔަ ނުވަމަސް ދުވަހަށް ބަލާއިރުގަ ވެސް ސަރުކާރުން މިވީހާތަނަށް ވަރަށް ގިނަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްފި.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަރަށް ގިނަ މައުލޫމާތު ހާމަކުރައްވަމުން ގެންދަވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އެ ގައުމުތަކުގެ އިސްވެރިން މީޑިއާތަކާ ބައްދަލުނުކޮށް ދައުރު ނިމިގެންދާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ ޚަބަރު ފަތުރައި މައުލޫމާތު ހާމަކުރެއްވުމަށް އަދި ޓްރާންސްޕޭރެންސީއަށް ވަރަށް އިސްކަންދެއްވާ އަދި އެކަމަށް ބާރު އަޅުއްވާ ރައީސެއް ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން ހީނާ ވިދާޅުވީ ދޮގު ޚަބަރު، ފިތުނަވެރި ޚަބަރު ފެތުރުމަކީ ހަގީގަތުގައި ވެސް ސަރުކާރުން ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި ދިވެހި މުޖުތަމައުން މިއަދު ދޮގު ޚަބަރު ބަލައެއް ނުގަންނަ ކަމަށެވެ.

