ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމުގައި ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕާސަން ހިނާ ވަލީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ފުރާވަޑައިގަންނަވާނެ ތާރީޚަކާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.
މިދިޔަ ޖޫންމަހުގައި ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެރުވި ދައުވަތަކަށެވެ.
ދާދިފަހުން ރައީސް ޑރ. މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއްގައިވަނީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިހުތިރާމުގެ މައްޗަށްކަން ފާހަގަކުރައްވައިފައިވެއެވެ.

