އިއްޔެ ހެންވޭރުގައި އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިކަމަށް ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގާމަގު ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓްމެންޓުން މިއަދު ފަށާފައިވާ ކަމަށެވެ.
ހެންވޭރު ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ
މެންދުރު 14:47 ހާއިރުގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު އެ ގެ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ.
މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލުމުގެ މަސައްކަތް ނިންމޭނެ ވަކި ތާރީޚެއް ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން މިވިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

