ތިލަފުށީގައި ރޭސިން ޓްރެކެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތިލަފުށީގައި ރޭސިން ޓްރެކަކާއި ޑްރިފްޓިން ޓްރެކެއް އެޅުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެތަން ހެދުމަށް ބޭނުންވާ ބިން ހޯދުމަށް ހައުސިން މިނިސްޓްރީގައި މިހާރު އެދިފައިވާކަމަށް މިނިސްޓަރު ވިދާާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދަޅުވީ ސަލާމަތީގޮތުން ރައްކާތެރި ތަނަކަށް ރޭސިން ޓްރެކް ބަދަލުކުރުމަށް ރޭސިން އެސޯސިއޭޝަނާއި ޑްރިފްޓިން އެސޯސިއޭޝަނާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މީގެކުރިން ރޭސިން އާއި ޑްރިފްޓިންއަށް ބޭނުންކުރަމުން އައީ ހުޅުމާލޭގެ ބިމެކެވެ. ނަމަވެސް ފަހަކަށް އައިސް ގާތްގާތުގައި ހިނގި އެކްސިޑެންޓްތަކާ ހުރެ، މިހާރު އެ ބިން ރޭސިން އާއި ޑްރިފްޓިންއަށް ބޭނުންކުމުގެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ.
މިއަދު މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅުމާލެއިން ރޭސިންއަށް ދީފައިވާ ބިމަކީ އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ކުޅިވަރު ބެލުމަށް ދާ އާންމުންނަށްވެސް ރައްކާތެރި ތަނެއް ނޫން ކަމުގަ އެވެ.
ރޭސިން ޓްރެކެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

