އައްޑޫ ސިޓީގެ މަރަދޫފޭދޫގައި 22 ޓަނުގެ ބޮޑު ހިރިގައެއް ހާއްސަ މޮނިޔުމެންޓެއްގެ ގޮތުގައި ބަހައްޓައިފިއެވެ.
މި ހިރިގަލަކީ މީގެ 2 އަހަރު ކުރިން ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން ނެގުނު ގަލެކެވެ.
އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ހިރިގާ ބަހައްޓާފައިވަނީ މަރަދޫފޭދޫ ރަމްޒުކޮށްދޭ މުހިންމު މޮނިޔުމެންޓެއްގެ ގޮތުގައި، އެކަމަށް ޓަކައި ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ދާނެއްގައެވެ. މި މަޝްރޫއަކީ އައްޑޫ ސިޓީ ކައުންސިލާއި، މަރަދޫފޭދޫ އަވަށު އޮފީހާއި، އަދި އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި، މި މޮނިޔުމެންޓަކީ އައްޑޫގެ ތާރީހުގައި، ހާއްސަކޮށް މަރަދޫފޭދޫގެ ތާރީހުގައި މުހިންމު ވާހަކަތަކެއް ކިޔައިދޭނެ އަގުހުރި ތަރިކައެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ރަށުގެ ތާރީހީ މުހިންމުކަން ފާހަގަކޮށް، ޒުވާން ޖީލުތަކަށް އެ ތާރީހު ދަސްކޮށްދިނުމެވެ.
މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝުކުރާއި ތަޢުރީފު ރައްދުކުރައްވާފައެވެ. އަދި މި މޮނިޔުމެންޓަކީ ރަށުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭނެ މުހިންމު ތަނަކަށް ވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

