ގދ.ގައްދޫގައި ބިދޭސީން މަސައްކަތް ކުރުމުގެ ދުވަހު އުޖޫރަ ކަނޑައެޅުމާބެހޭ އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.
މި އުސޫލުގައި ބަޔާން ވެގެންވާނީ ގައްދޫ ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވީ ގޮތްތަކެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ އުސޫލުތަކާއި އެއްގޮތަށް ގައްދޫ ކައުންސިލުން ފާސްކޮށް، ގެޒެޓްކޮށްފައިވާ މި އުސޫލަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ގައްދޫގައި ކުރާ އެންމެހައި މަސައްކަތްތައް އެސްޓިމޭޓް އުސޫލުން ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިގޮތުން ގެވެށި މަސައްކަތްތަކުގެ ކޯޓާގައި ދިރިއުޅޭ ބިދޭސީން، އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން ރަށުތެރޭގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
މި އުސޫލުގެ ދަށުން ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަން ކުރާނެ މިންގަޑުތަކާއި ކެޓަގަރީތަކަށް ގެދޮރު އިމާރާތްކުރުމުގެ ދާއިރާއިން ރާނާ ސިމެންތިޖަހާ މޭސަނަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރައަކީ 300 ރުފިޔާއެވެ. އަދި މި ދާއިރާގެ އެހެނިހެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރައަކީ 250 ރުފިޔާއެވެ.
ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރައަކީ 300 ރުފިޔާއެވެ. އަދި ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރައަކީ 300 ރުފިޔާއެވެ.
މީގެއިތުރުން މި އުސޫލުގައި ބަޔާން ކޮށްފައިނުވާ މަސައްކަތެއް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރައަކީ 250 ރުފިޔާއެވެ.
މި އުސޫލުގައިވާ ގޮތުން މަސައްކަތު ދުވަހެއް ކަމަށް ބަލަންވާނީ 1 ގަޑިއިރުގެ ހުސްވަގުތު ކޮޅަކާއެކު ޖުމްލަ 8 ގަޑިއިރެވެ.
އުސޫލާ ޚިލާފުވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ހާޒިރުކޮށް އެކަމާބެހޭ ސުވާލުތައްކޮށް އިއުތިރާފުވާނަމަ ނުވަތަ ދެ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެ ބިދޭސީއަކާއި ބިދޭސީއެއްގެ ބަލަދުވެރި ފަރާތަށް ގަވާއިދާ ޚިލާފަށް އަމަލުނުކުރުމަށް ފޮތުގައި ލިޔެ ނަސޭހަތްދިނުމާއެކު އެފަދަ ކަމެއް ތަކުރާރު ނުކުރުމަށާއި އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތް ދޭނެއެވެ.
އުސޫލާ ޚިލާފަށް މަސައްކަތުގެ އުޖޫރަ ފުރަތަމަ ފަހަރަށް ނަގައިފިކަމަށް ސާބިތު ވެއްޖެނަމަ ފުރަތަމަ ފަހަރަށް އެ ބިދޭސީއަކު 500 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
އުސޫލާ ޚިލާފަށް މަސައްކަތުގެ އުޖޫރަ ދެވަނަ ފަހަރަށް ނަގައިފިކަމަށް ސާބިތު ވެއްޖެނަމަ ދެވަނަ ފަހަރަށް އެ ބިދޭސީއަކާ އެ ބިދޭސީއެއްގެ ބަލަދުވެރި ފަރާތް 1500 ރުފިޔާއާއި 3000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާއިރު، ތިންވަނަ ފަހަރަށް ޚިލާފުވެއްޖެނަމަ ޖޫރިމަނާކުރަން ނިންމާފައިވަނީ 3000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އަދި ހަތަރުވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން އުސޫލާ ޚިލާފަށް ރަށުގައި އުޅޭ ބިދޭސީއެއްނަމަ ގަވާއިދާއި ޚިލާފަށް ރަށުގައި އުޅުމުގެ ކުށުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ގަވާއިދާއި ޚިލާފަށް ގައްދޫގައި ހަރަކާތްތެރިވާ ބިދޭސީ އެއްކަމަށް ކަނޑައަޅައި ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

