ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކު ނިޔާވެފައިވާ ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މި މަހުގެ 5 ވަނަ ދުވަހުގެރޭ 2:48 ހާއިރު، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ލ.އިސްދޫ، ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ އެ ޚިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަމާހު ނިޔާވީ ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސްޕޯޓްސް ކާރަކާއި އޭނާ ދުއްވަމުންދިޔަ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ސްޕޯޓްސް ކާރު ދުއްވި އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފެހި މުޙައްމަދު ވިސާމް ސިއްދީޤު (26 އ) ވަނީ ހައްޔަރުކޮށްފައެވެ.

