ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރެއަށް ފެތިފައިވާ އުޅަނދެއް 7
ދުވަހުގެތެރޭ ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ފެތިފައިވާ ރަޖިސްޓްރީ ނަންބަރު P9512B-17(02-S) އުޅަނދު އެ ސަރަހައްދުން ނެގުމަށް އެޗްޑީސީއިން ފުރަތަމަ އެންގީ 22 އޯގަސްޓުގައެވެ.
ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި އެ އުޅަނދު ނަގާފައި ނުވާތީ، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން އުޅަނދުގެ ވެރިފަރާތުން، އެ ކޯޕަރޭޝަންގެ ފިކްސްޑް އެސެޓް ޑިޕާޓްމަންޓާ ގުޅޭ ނަންބަރު، 9439999 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އުޅަނދު އެ ސަރަހައްދުން ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި މި މުއްދަތުގައި މި އުޅަނދު އެ ސަރަހައްދުން ނަގާފައި ނުވާނަމަ، އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އުޅަނދާމެދު އަމަލުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން އެ ކޯޕަރޭޝަނަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

