ނ.ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިފައިވަނީ އެ ރަށު މާރަނގަ، އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކުއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް މިއަދު ހަވީރުގެ ވަގުތެއްގައި ހޮޅުދުއަށް ގޮސްފައިވާއިރު، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށް ފުލުހުންގެ ޓީމެއް މިރޭ ވަނީ ހޮޅުދޫން ފުރައިފައެވެ.
ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ ޕޯސްޓް މޯޓަމް ހަދަން ކަމެއް އަދި ސާފެއް ނޫނެވެ. ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި މާ ބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މާރަނގަ ގޭގެ ބަދިގޭ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. ޒަޚަމްތަކާއެކު ޒަކިއްޔާ އެތަނުގައި އޮތްއިރު، ކަރުގައި ވަޅި އަޅާފައިވާ ކަމަށާއި އެ ތަނުގައި ބޮޑު ވަޅިއެއް އޮތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

