ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ލިންކް ޕްރޮޖެކްޓްގެ 43.59 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އިންޑިއާގެ މުންބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ލިންކް ޕްރޮޖެކްޓްގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
އެ ބައްދަލުވުމުގައި ޑރ. މުއްޠަލިބާއެކު ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތާޢާމް މުޙައްމަދު، މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދު، އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި، ޕްރޮޖެކްޓް ކުރިއަށްދާ މިންވަރު ބެލުމަށްޓަކައި ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނެވެ.

ތިލަމާލެ ބުރިޖް މަސައްކަތް މިހާޜު ގޮސްފައިވާ ހިސާބު
އެ ބައްދަލުވުމުގެ މަޤްޞަދަކީ ޕްރޮޖެކްޓް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި މިނިސްޓްރީތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެންމެ އިސް ފަންތީގެ ބޭފުޅުންގެ ޝާމިލްވުމާއެކު ކަނޑައެޅިފަިވާ މުއްތަތަށް މަސައްކަތް ނިންމޭނެކަން ކަށަވަރު ކުރުމެވެ. މިހާތަނަށް ޕްރޮޖެކްޓްގެ 43.59 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ހާމަކުރައްވާފައެވެ.

ތިލަމާލެ ބުރިޖް މަސައްކަތް މިހާޜު ގޮސްފައިވާ ހިސާބު
މާލެއިން ގުޅީފަޅާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ މާރިޗު 31 ވަނަ ދުވަހުއެވެ. އަދި ގުޅީފަޅުން ތިލަފުށްޓާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ވަނަ ދުވަހުކަމައްވެސް މިނިސްޓްރީއިން ވަނީ ހާމަކުރައްވާފައެވެ.

