ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އައު ދައުރަކަށް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބީ ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މި އިންތިޚާބު ބާއްވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މިހާރު ހިނގަމުންދާ ދައުރު 26 އޮކްޓޯބަރުގައި ހަމަވާތީއެވެ.
އެހެންވެ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ގަވާއިދުގެ ދަށުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފައެވެ.
ކުރިމަތިލުމަށް ހުޅުވައިލާފައިވާ މަގާމުތަކުގެތެރޭގައި ހިމެނެނީ ޕްރެސިޑެންޓް، ވައިސް ޕްރެސިޑެންޓް، ފުރިހަމަ މެންބަރުންގެ ތެރެއިން ހޮވާ 4 މެންބަރުން، އެސޯސިއޭޓް މެންބަރުންގެ ތެރެއިން 2 މެންބަރުން އަދި ފަރުދީ މެންބަރުންގެ ތެރެއިން 1 މެންބަރު ކަމެވެ.
މި މަގާމުތަކަށް މެންބަރުން ހޮވާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިޚާބީ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މި މަގާމުތަކަށް ކުރިމަތިލާން އެދޭ މީހުން 15 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށަ ވަނީ އެދިފައެވެ.
މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް މައި އޮފީހުން ލިބޭނެއެވެ. އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ވެބްސައިޓް www.maldivescricket.org އިން ވެސް ގ؛ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނީ ޖަލްސާ ބޭއްވޭނެ ތަނާއި، ގަޑި އަދި އެޖެންޑާ ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.

