ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިންޝުއަރެންސް ދިނުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޅިވަރާބެހޭ ގައުމީ މަޖިލީހުން މިހާރު އަންނަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް އިތުރުކުރުމަށްޓަކައި މިހާރު މުސާރަ ދޭ އުސޫލު ރިވައިޒް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހަމައެހެންމެ 23 ކްލަބް ޖަމްއިއްޔާއަށް ތަފާތު ކުޅިވަރުތައް ހިންގުމަށް 1.8 މިލިއަން ރުފިޔާ މިހާތަނަށް ދޫކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވި ގޮތުން ހުރިހާ ރަށެއްގައި ވެސް އެ މިނިސްޓްރީގެ ސްޓާފުން ބައިތިއްބާފައިވަނީ މިނިސްޓްރީގެ މެންޑޭޓް، ކުޅިވަރާ ގުޅުންހުރި ކަންކަމުގައި ވަރަށް ފުޅާވެގެން ގޮސްފައިވާތީއެވެ. އަދި އިންޓާނަލް ޓްރެއިނިންގ ޕްރޮގްރާމް މިހާރު ކުރިއަށްދާ ކަމަށާއި އޭރުން އެ މުވައްޒަފުންގެ ބޭނުން ވަރަށް ފުރިހަމަ ގޮތެއްގައި ހިފޭނެ ކަމަށާއި 190 ނޫނީ 200 ތިއްބަސް އެއީ ބޭނުން ހިފަމުންދާ މުވައްޒަފުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

