ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ހުރިހާ އެކަމޮޑޭޝަނެއް ބަލާ ފާސް ކުރުމުގެ މަސައްކަތް، އަނެއްކާވެސް ޙާއްސަ އޮޕަރޭޝަނެއްގެ ދަށުން އިމިގްރޭޝަނުން ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް އިއްޔެއިން ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން، މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި ކަމަށްވެސް ބުނެފައެވެ. މާލޭގައި ގަވާއިދާ ޙިލާފަށްއުޅޭ ބިދޭސީން ހޯދާ ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ވަނީ ގައުމީ ފެންވަރުގެ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 4000 ވުރެ ގިނަ ބިދޭސީން މިހާރުވެސް ވަނީ ޑީޕޯޓް ކޮށްފައެވެ.

