މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 48 ގަޑިއިރުތެރޭގައި 291 އުޅަނދު ބަލައި ފާސްކޮށް، 76 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ވަނީ މާލޭ ސަރަހައްދުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހު 8 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 9 ވަނަ ދުވަހުގެ 18:00 އަށް ހުޅުމާލޭގައި ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބާއި 9 ވަނަ ދުވަހުގެ 09:00 އިން ފެށިގެން 10 ވަނަ ދުވަހުގެ 09:00 އަށް މާލޭގައި ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
މި ދުވަސްތަކުގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި 291 އުޅަނދު ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ހަތަރުފުރޮޅުލީ 30 އުޅަނދާއި، 229 ސައިކަލާއި، މާލެއިން ހަތަރުފުރޮޅުލީ 10 އުޅަނދާއި، 22 ސައިކަލެވެ.
ފުލުހުން ބުނެފައިވާ ގޮތުން ހުޅުމާލެއިން ހިފެހެއްޓި އުޅަނދުތަކުގެ ތެރެއިން 55 އުޅަނދަކާމެދު ފިޔަވަޅު އެޅިއިރު، މާލެއިން 22 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.
މީގެއިތުރުން ނުރައްކާތެރިކޮށް ދުއްވައިގެން މާލެއިން 4 އަދި ހުޅުމާލެއިން 5 އުޅަނދު ހުއްޓުވާފައިވާއިރު، ލައިސެންސް ނެތި ދުއްވައިގެން މާލެއިން 17 އަދި ހުޅުމާލެއިން 8 އުޅަނދު ވަނީ ހިފަހައްޓައިފައެވެ. އަދި މާލެއިން 22 އުޅަނދު ޓޯކުރިއިރު، ހުޅުމާލެއިން 17 އުޅަނދު ވަނީ ޓޯކޮށްފައެވެ.
ހަމައެހެންމެ މި އޮޕަރޭޝަންގެ ތެރެއިން މާލެއިން 10 އުޅަނދު އަދި ހުޅުމާލެއިން 37 އުޅަނދު ދުއްވި މީހުންނަށް ނަސޭހަތް ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފެށީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ.
މި މަސައްކަތުގެ ތެރެއިން ކާރުބާރު ބޮޑުވާ މަގުތައް، ޚާއްސަކޮށް މާލެ ބޮޑުތަކުރުފާނުމަގު، މަޖީދީމަގު، މާރުކޭޓު ސަރަހައްދު، ސްކޫލުތައް ހިމެނޭ މަގުތައް، ހަތަރުއަނގޮޅި ހިމެނޭ ބޮޑެތި މަގުތައް އަދި މާލެއާއި ހުޅުމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބުގެ އިތުރުން އެއާޕޯޓު ޓްރެފިކް ލައިޓު ކައިރި، ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދާއި ސްކޫލުތައް ހިމެނޭ ސަރަހައްދުތަކާއި، އެހެނިހެން ހިސާބުތަކުގެ މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

