ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޫބަރު 19 ގައި ބާއްވަން ނިންމައިފިއެވެ.
ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވައިލާނެއެވެ. އަދި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ.
އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އެކުލަވާލައިފައިވާ ކޮމިޓީގެ ޗެއަރ، ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި 2095 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ.
އެގޮތުން އިންތިޚާބު ކުރާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުންގެ ގޮފީގެ ރައީސާއި އަންހެނުންގެ ގޮފީގެ ރައީސާއި ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތައް ހިމެނެއެވެ.
ޑރ. ޚަލީލް ވިދާޅުވި ގޮތުން ދާއިރާތަކުގެ ރައީސުން އިންތިޚާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ނެތް ދާއިރާތަކަށް އެކަންޏެވެ. އަދި މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުންނެވެ.
އެކަމަކު ކޮންމެ ދާއިރާއަކަށް ވެސް ނައިބު ރައީސް އިންތިޚާބު ކުރުން އޮންނާނެ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
މީގެއިތުރުން ސްޓިއަރިންގ ކޮމިޓީ ވެސް ކޮންމެ ދާއިރާއަކުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ. އެއީ 3000 އަށްވުރެ ދަށުގެ އާބާދީތަކަށް 7 މެންބަރުންގެ ކޮމިޓީއެކެވެ. އަދި އެއަށްވުރެ މަތީގެ އާބާދީތަކަށް 9 މެންބަރުންގެ ކޮމިޓީއެކެވެ.

