އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، ކޮންމެ ދަރަޖައެއްގައި ފާސްވި ނަމަވެސް، ޙާފިޡުންނަށް ޤައުމީ އިނާމް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ދެއްވަނީ ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް އެކަނި ކަމަށެވެ. ނަމަވެސް މިހާރު ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސްގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރު 25 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މެޑަލް ދެއްވާނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެ އިސްލާމްވި ދުވަސް މިއަހަރު ފާހަގަކުރާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ، ގިނަ ޙާފިޡުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.
ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ކުރީގެ ރައީސް، މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުން ފެށިގެން އަންނަނީ ދެއްވަމުންނެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި މި މެޑަލް ދިނުން ހަނިކޮށް، ހަމައެކަނި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް އެކަނި ދޭ އެއްޗަކަށް ބަދަލުކުރެވުނެވެ. މިހާރު މި ނިންމުން ބަދަލުކޮށް، ހުރިހާ ދަރަޖައެއްގެ ޙާފިޡުންނަށް މި މެޑަލް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

