ހެޕިނެސް ނުވަތަ އުފާވެރިކަމުގެ އިންޑެކްސް ކަނޑައަޅާނީ ރައްޔިތުންނާއި ކައުންސިލްތަކުގެ ބައިވެރިވުމާއެކު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމާ ބެހޭގޮތުން ބޭއްވި ދެވަނަ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރަށާއި އަތޮޅު ކައުންސިލްތަކުން 140 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ އުޞޫލުން ކަންކަން ނިންމުމުގައި އެންމެ މުހިންމީ ރައްޔިތުންނާއި ކައުންސިލްތަކުގެ މަޝްވަރާއާއެކު ކަންކަން ނިންމުން ކަމަށެވެ. އަދި އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލާއިރުވެސް އޭގެ އެންމެ ރަނގަޅު ނަތީޖާއެއް ނިކުންނާނީ ރައްޔިތުންނާއި ކައުންސިލްތަކާއެކު މަޝްވަރާއާއެކު އިންޑެކްސް އެކުލަވާލެވިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ރަށްރަށުގެ އުފާވެރިކަމުގެ އިންޑެކްސް ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލްތަކަށް. މިހެންވެ އެންމެން ޝާމިލްވާނެހެން އިންޑެކްސް ކަނޑައެޅުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ.” އާދަމް ޝަރީފް ވިދާޅުވިއެވެ.
އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ. މިހާރު ކުރަމުންދަނީ މި އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ އޮނިގަނޑެއް ނުވަތަ ރުބްރިކެއް ހެދުމުގެ މަސައްކަތެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގައި ގިނަ ކައުންސިލްތަކުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

