ޑޮކްޓަރީ ބޭސް ވިއްކުމުގައި ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ
އެގޮތުން ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު އަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރެވޭނެ ކަމަށެވެ.
މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވޭނެ ކަމަށާއި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

