ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި ހުއްޓުވާލެވުނީ "ޓްރާންސްފާ މޯލްޑިވްސް" އެވެ. މި ތަނުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުން ދިޔައީ ލައިސަންސް ނެތިކަން ފާހަގަކުރެވުނެވެ.
ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ މިއަދުއެވެ. މި އޮޕަރޭޝަންގައި ހުއްޓުވާލެވުނީ ‘ކާޝިބޯޓް ސުވެނިއާ ފިހާރަ، އެވެ. މި ތަނުން ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދިޔަކަން ފާހަގަކުރެވުނެވެ. މިހާރު މި ފިހާރައަށް ވިޔަފާރިކުރަން ދީފައިވާ ހުއްދަ ވަގުތީ ގޮތުން ވަނީ ބާޠިލުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، މި އޮޕަރޭޝަންގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ އިތުރު ބައެއް ތަންތަން ބަލައި ފާސްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
މި އޮޕަރޭޝަންތައް ކުރިއަށް ގެންދިޔައީ ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ. ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ލިބިގެން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

