އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ގެއަކަށް މީހަކު ވައްދައި ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ.ތިނަދުއަށް ނިސްބަތްވާ 41 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ފޭރުމާއި މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާއާއި މި މައްސަލަ ހުށަހެޅި ފަރާތާއި ޖުމްހޫރީ މައިދާން ކައިރިން ދިމާވެގެން، އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތް ގޮވައިގެން ފިނިހިޔާ ގޯޅީގައި ހުރި ގެއަކަށް ވައްދައި އޭނާގެ ފޯނާއި ފައިސާ ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފަރާތުގެ އަތުގައި އޮތް ގަލަމެއް އޭނާގެ ކަރުގައި ޖައްސައި ހަޅޭނުލެވުމަށް ބުނިކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
ތުހުމަތު ކުރެވޭ ފަރާތަކީ މިބާވަތުގެ ކުށާއި އެހެނިހެން ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށް ވެސް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.

