ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމާގުޅޭ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޢައްބާސްގެ ނަން ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ އިއްވަވައިފައެވެ.
ސިޓީގައި ރައީސް ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 22 ގައި ޕީޖީގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ޢައްބާސްގެ ނަން ހުށަހަޅުއްވާ ކަމަށެވެ.
އެގޮތުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާނު ކުރައްވައިފައެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މިރޭ 21:30 ގައި ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާކޮށް، މިހާރު ދަނީ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

