ދ. އަތޮޅުގައި ކުރިއަށްދާ އިބަމަ ތަމްރީނު ޕްރޮގްރާމްގެ މެޕިންގް އަދި އިންޓަވެންޝަން ޑިވެލޮޕްމަންޓް މަރުހަލާ ފަށައިފިއެވެ.
މިހާތަނަށް މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދ. އަތޮޅުގެ 3 ރަށެއްގައެވެ. އެއީ ދ. އަތޮޅު ކުޑަހުވަދޫ، ހުޅުދެލި، ބަނޑިދޫއެވެ.
އަތޮޅުގެ ބާކީ ހުރި ރަށްރަށުގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން މި ޕްރޮގްރާމުގެ ތެރެއިން އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ނާޒުކު ހާލަތުގައިވާ ފަރާތްތަކުގެ ހާލަތު ވަޒަންކޮށް، ޚާއްސަ ޕްލޭނެއް އެކުލަވާލެވި، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.
މުޖުތަމަޢުގައި ތިބި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އެހީތެރިވެ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ މުޅި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ބައިވެރިވުން އޮންނަ، މުހިންމު ޒިންމާއެކެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

