ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕުގެ ފައިނަލް މެޗުގައި ރާއްޖޭގެ ގައުމީ ޓީމުން ކުރި ހިތްވަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބަސް ދެއްވައިފިއެވެ.
މާލޭގައި މިރޭ ކުޅުނު ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ގައުމީ ޓީމާއި ކިރްގިސްތާނުގެ ގައުމީ ޓީމެވެ.
މި މެޗު 2-3 ސެޓުން ކާމިޔާބުކުރީ ކިރްގިސްތާނުގެ ޓީމުންނެވެ.
ކިރްގިސްތާނުން މިރޭގެ މެޗު ކާމިޔާބު ކުރި ނަމަވެސް މެޗުގެ ފަހު ވަގުތާ ހަމައަށް ވެސް ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ހުނަރުވެރި، މޮޅު ކުޅުމެއް ދައްކައިފައެވެ.
މިކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދިވެހި ގައުމީ ޓީމުގެ ހިތްވަރާއި އަޒުމާމެދު ފަޚުރުވެރިވާކަން ފާހަގަކުރައްވައި ޓީމަށް ސާބަސް ދެއްވައިފައެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ދިވެހި ގައުުމީ ޓީމަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

