ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ ފަތުރާ ވާހަކައިގެ އެންމެ އަޑީގައި ހުންނެވީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަހެއްގެ މައްޗަށް 50,000 ރުފިޔާ ދެއްވާ ކަމަށް ބުނެ އަދަދު ނޫހުން މިއަދު ވަނީ ޚަބަރު ފަތުރައިފައެވެ.
ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް ޖަލްސާއަށްފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ފަލާހު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ބައްސަވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ މެންބަރުންގެ ބޮލުގައި އެޅުވޭ ބޮޑު އިލްޒާމެއް ކަމަށެވެ.
އެއަށްފަހު ފަލާހު ވިދާޅުވީ މިކަމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް ޔާމީން ކަމަށެވެ. ޔާމީން އެ ވާހަކަތައް ފަތުރުއްވަނީ ފައިސާ ދެއްވައިގެން ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ހަގީގަތުގައި މީގެ އެންމެ އަޑީގައި ހުންނާނީ ޔާމީން. ޔާމީން އަދަދު ނޫހަށް ފައިސާ ދީގެން މި ހުރިހާ ސަކަރާތެއް ޖަހަނީ. ޔާމީނަށް ފައިސާގެ ވާހަކަ ފިޔަވައި އިތުރު ވާހަކައެއް ނުދެއްކޭނެކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލަށް ޕާޓީއާ ގުޅޭ މީހުންގެ ފޯމުތައް ގެންދިޔަ ނަމަވެސް ފައިސާ ބަހަނީ ކަމަށް ބުނެ ވާހަކަ ފަތުރަމުންދާ ކަމަށެވެ.
ރައީސް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

