ކަނޑުއޮއްގިރީގެ މަސައްކަތުގެ 90 އިން ސައްތަ މިހާރު ވަނީ ނިމިފަ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިހާރު މި ކުރަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެރަށުން ބޭލުމުގެ މަސައްކަތް ކަމަށާއި، އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށް ވުމުން ލަސްކަމެއް އައިސްދާނެ ކަމަށް މިފްކޯއިން ބުނެއެވެ. އަދި މިމަހުގެ 15 ގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ އިތުރު ކުޑަ މުއްދަތެއް ހޯދުމަށް އެމްއެންޑީއެފާއި ދަނީ މަޝްވަރާ ކުރެވެމުން ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ކަނޑުއޮތްގިރި ދޫކޮށްލަނީ ހުޅުމާލެއިން ބިމެއް ލިބޭގޮތަށް ހަމަޖައްސަނީ:/ފޮޓޯ: މިފްކޯ
އަދި ހުޅުމާލެއިން ބިން ހޯދުމުގައި މިހާތަނަށް ހޯދުނު ކުރިއެރުމާގުޅޭ ގޮތުން ބުނެފައިވަނީ ވަކި ބިމެއް ހަމަނުޖެހޭ ކަމަށާއި، އެކަމުގައި ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާ ދަނީ ކުރެވެމުން ކަމަށެވެ.
މިގޮތުން ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެ ކަމަށް އުއްމީދު އެބައޮތް ކަމަށާއި، އެކަން ހަމަޖެހެނުހާ އަވަހަކަށް ހާމަކުރާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރިކަން ހާމަކުރެއްވީ މިދިޔަމަހު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރު އަހުމަދު ޝިޔާމެވެ. ކަނޑޮއޮތްގިރިއަކީ ކަންނެލި މަސްވެރި ކަމަށް ޚާއްސަކޮށް ކާރުހާނާއެއް ހިންގި ރަށެކެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގައި ހިންގި ކާރުހާނާ ބަދަލު ކުރާނީ ހުޅުމާލެއަށް ކަމަށެވެ. ނަމަވެސް އެ ކާރުހަނާ ބަދަލު ކުރާނެ ވަކި ތާރީޚެއް އޭރު މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ. އަދި މިނިސްޓަރު އޭރު ފާހަގަކުރެއްވީ ކަނޑުއޮތްގިރީގައި ކުރި މަސައްކަތްތަކަށް ބޭރުގެ މާލީ އެހީތެރިކަން ވެސް ލިބިފައި ހުރިކަމަށެވެ.

