މީގެކުރިން 99 ފަހަރު ހައްޔަރުކޮށް، 39 ފަހަރު ބަންދުކޮށްފައިވާ މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
އޭނާއަކީ ގދ.ތިނަދުއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެކެވެ.
ވައްކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އިއްޔެ ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުތެރެއިން 4 ގަޑިއާއި ވަގަށް ނަގާފައިވާ ކަމަށް ބުނާ ފޯނެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ގެއަށް ވަދެފައިވަނީ ރައްޓެއްސަކު ބުނެގެން ކަމަށާއި ފޯނަކީ މަގުމަތީގައި އޮތް ފޯނެއް ކަމަށާއި އެ ގެއަށް ވަދެފައިވަނީ ވައްކަން ކުރަން ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން މީގެކުރިން 99 ފަހަރު ހައްޔަރުކޮށް، 39 ފަހަރު އޭނާ ބަންދުކޮށްފައިވާއިރު، އޭނާއަކީ ވައްކަމުގެ ކުށުގެ ރެކޯޑު ގިނަ މީހެކެވެ.

