ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބްތަކަށް މި ސަރުކާރުން އެއްވެސް ނުފޫޒު ނުފޯރުވާނެ ކަމަށާއި، ނަމަވެސް ޤާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރާނަމަ، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކަން ބަލާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
“ވަޒީރު ވިދާޅުވީ އެސޯސިއޭޝަންތަކުގެ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ނުބުނާނެ” ރާފިއު
އަންނަ އަހަރަކީ ގިނަ އެސޯސިއޭޝަންތަކެއްގެ އިންތިހާބު އޮންނަ އަހަރަށްވެފައި، އެކަމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ފޯރުވާނެތޯ ނޫސްވެރިއަކު އެހުމުން ވަޒީރު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބްތަކަށް މި ސަރުކާރުން އެއްވެސް ނުފޫޒު ނުފޯރުވާނެ ކަމަށާއި، ނަމަވެސް ޤާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއްކުރާނަމަ އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކަންކަން ބަލާނެކަމަށެވެ.
އޭނާ ވިދާޅުވީ އެސޯސިއޭޝަންތަކަކީ މިނިވަންކަމާއިއެކު ހިންގަންޖެހޭ ތަންތަކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދާ އެއްގޮތަށް އެސޯސިއޭޝަންތަކުންވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
އެއްވެސް އެސޯސިއޭޝަނަކަށް ރާއްޖޭގެ ގާނޫނު ތަކަށްވުރެ މަތިން މަސައްކަތް ނުކުރެވޭނެކަމަށާއި، އެކަންކަން ހުއްޓުވަން ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ކުރަން ޖެހޭ ކަންކަން ކުރާނެކަމަށެވެ.

