ނ.ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފިއެވެ.
ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ މި މަހުގެ 10 ވަނަ ދުވަހު ހެނދުނު ފެނިފައިވަނީ އެ ރަށު މާރަނގަ، އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކުއެވެ.
އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައީ 10 ވަނަ ދުވަހުގެރޭގައެވެ.
ފުލުހުން މިއަދު ބުނީ ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ކުރުމަށްފަހު މިއަދު ހެނދުނު އަނބުރާ ރަށަށް ފޮނުވާލައިފައިވާ ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް ހޮޅުދުއަށް ގޮސް މައްސަލައިގެ ތަހުގީގު ވަނީ ފަށާފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު އަދި ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މާރަނގަ ގޭގެ ބަދިގޭ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. ޒަޚަމްތަކާއެކު ޒަކިއްޔާ އެތަނުގައި އޮތްއިރު، ކަރުގައި ވަޅި އަޅާފައިވާ ކަމަށާއި އެ ތަނުގައި ބޮޑު ވަޅިއެއް އޮތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

