އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ ޢާއިލާއެއް ޙާލުގައި ޖައްސައިފި ކަމަށް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އާސަންދައިން ބުނެފިއެވެ.
އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންދެވިފައިވާ މީހެއް ކަމަަށާއި، މިގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ އެފަރާތަށްވަނީ ހަމަޖައްސައިދެވިފަ ކަމަށްވެސް ބުނެފައި ވެއެވެ.
“އޭނާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީ އަށް އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިންގ ތެރަޕީ އަދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ 14 މާރިޗު 2024 ގަ. ބަލިމީހާގެ ޙާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، އޮގަސްޓު 18 އާއި ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕްރޫވަލް ދީފަވޭ. ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި ޢާއިލާއާއެކުވަނީ ވާހަކަދެއްކި. އަދި ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު 3 ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުންވެސްވަނީ ޢާއިލާއާ ވާހަކަދައްކާފަ.” އާސަންދަ
18 އޮގަސްޓު 2024 ގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދު ތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު، ބިލަށް ޖުމްލަ އަރާފައިވަނީ 89،339.91 އެމެރިކާ ޑޮލަރު ކަމަށާއި، އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައި ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

